ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނިވެރި މައިން/ބަފައިން ބަލަހައްޓާ ކުދިންނަށް އަދި ފަޤީރު ޙާލުގައި ދިރިއުޅޭ ޤާނުނީ ގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށްދެވޭ މާލީ އެހީއަށް އެދޭފޯމު މުރާޖަޢާކުރެވިފައި

January 19, 2016

އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ގޮތުގައި މި އޭޖެންސީއިން ކުރިއަށް ގެންދާ “ފަޤީރު ޙާލުގައި ދިރިއުޅޭ އެކަނިވެރި މައިން/ބަފައިން ބަލަހައްޓާ ކުދިންނަށް” އަދި “ފަޤީރު ޙާލުގައި ދިރިއުޅޭ ޤާނުނީ ގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށްދެވޭ މާލީ އެހީ” އަށް ހުށަހެޅުމަށް މިހާރު ބޭނުންކުރަމުންދާ ފޯމް ވަނީ މުރާޖަޢާކުރެވިފައެވެ. މި ފޯމް މުރާޖަޢާ ކުރުމުގެ މައިގަނޑު މަޤްސަދަކީ މި ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާއްމު ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް މި ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މި ފޯމު އަމަލީ ގޮތުން ބޭނުންކުރަން ފަށާނީ 17 ޖެނުއަރީ 2016 ވަނަ ދުވަހުން ފެށިގެންނެވެ. ވީމާ، މިހާރު ބޭނުންކުރަމުންދާ ފޯމު އެންސްޕާގެ ކައުންޓަރުން ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކީ 14 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަސްކަމުގައި ދެންނެވީމެވެ.

މިގޮތުން މި އޭޖެންސީއިން މުރާޖަޢާކޮށްފައިވާ “ފަޤީރު ޙާލުގައި ދިރިއުޅޭ އެކަނިވެރި މައިން/ބަފައިން ބަލަހައްޓާ ކުދިންނަށް މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު” އަދި “ފަޤީރު ޙާލުގައި ޤާނޫނީ ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށްދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު” އެންސްޕާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ރަށު ކައުންސިލް އިދާރާތަކުން ފޯމްތައް ލިބެން ހުންނާނެއެވެ.