އިސްބަސް
ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ޤައުމީ ނިޒާމް
ބޭސް ފަރުވާގެ ޚިދުމަތްތައް ރާއްޖޭގެ ރައްޔިތުންގެ އަތްފޯރާ ހިސާބަށް ގެނައުމުގެ ޚިޔާލުތަކާއި ޝުއޫރުތައް ރާއްޖޭގައި ފުރަތަމަ ތަޢާރަފް ވެގެން އައީ 1999 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އިޢްލާން ކުރެއްވީ 2020 ގެ ތަޞައްވުރުގެ ޚިޔާލު ފުޅުތަކުގެ ތެރެއިންނެވެ. މިދެންނެވި ތަޞައްވުރުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ކޮންމެ މީހަކީވެސް އެމީހަކު ދިރިއުޅޭ ސަރަޙައްދަކުން ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބުމުގެ ފުރުޞަތު ފަހިވެފައިވާ މީހަކަށް ވާނެ ކަމަށާއި އަދި ޞިއްޙީ ފަރުވާ ހޯދުމުގެ ޚަރަދު ހަމަޖައްސައިދޭ ނިޒާމެއްގައި، ލުއި ފަސޭހަ ގޮތެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާ މީހަކަށްވެސް ވާނެކަމަށް ވިދާޅުވެފައެވެ.
މިދެންނެވި 2020 ގެ ތަޞައްވުރު ދިވެހިރާއްޖޭގައި އިޢުލާން ކުރެވުނު ތާރީޚުން ފެށިގެން ހެލްތް އިންޝުއަރެންސް ސްކީމެއް ފެށުމުގެ މަސައްކަތްތައް ދިޔައީ ހިނގަމުންނެވެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ތަފާތު މޮޑެލްތަކަށް ބައްޓަން ކުރެވިގެން ހިނގަމުން ދިޔަ ސޯޝަލް ހެލްތް އިންޝުއަރެންސް ސްކީމްތަކުގެ މަޢުލޫމާތުތައް ހޯދުމުގެ އިތުރުން ކަމުގެ ތަޖުރިބާކާރުންގެ އިރުޝާދާއި ލަފާވެސް ދިޔައީ ހޯދެމުންނެވެ. ޚާއްޞަކޮށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން ގެ ފަންނީ އެހީ ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ ހޯދިފައެވެ. އަދި މިކަމާބެހޭ ޚާއްޞަ ޓެކްނިކަލް ކޮމެޓީއެއް އުފައްދަވައި ވަރަށް ގިނަ ފަންނީ މަސައްކަތްތަކެއް ވަނީ ނިންމިފައެވެ. މިކަމުގެ ޚިޔާލުތަކާއި ބޭނުންތެރިކަން ރައްޔިތުންނަށް ވިސްނިގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މިކަމާ ގުޅޭ ބަހުސްތައްވެސް ރައްޔިތުންގެ މަޖިލީހުގައި ހިނގަމުންދިޔައެވެ….. ![]()

