December 31, 2018
ނުކުޅެދުންތެރިކަން ހުންނަ ފަރާތް ތަކުން ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް އެދި ހުށަހަޅާ ފޯމު
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު ތެރަޕިއުޓިކް ޚިދުމަތްތަކަކީ އާސަންދައިގެ ތެރެއިން ހިލޭ ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހެދުމަށްޓަކައި، އާސަންދަ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދޭ ސްކީމް 1 ޖަނަވަރީ 2019 ން ފެށިގެން ވަނީ ތަޢާރަފްކުރެވިފައެވެ. މިގޮތުން، މިހާރު އާސަންދަ ސްކީމް މެދުވެރިކޮށް ލިބެން ނުހުންނަ ތެރަޕިއުޓިކް ޚިދުމަތްތައް އަލަށް ތަޢާރަފުކުރެވޭ ސްކީމް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.
މި ސްކީމްގެ ދަށުން އެހީ ފޯރުކޮށްދެވޭނީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފަރުވާއަށް ތެރަޕިއުޓިކް ޚިދުމަތް ބޭނުންވާ ފަރާތްތަކުން، ތެރަޕިއުޓިކް ފަރުވާ ބޭނުންވާކަމަށް ކަމާއިގުޅޭ ޑޮކްޓަރެއް ދެއްވާފައިވާ ލިޔުމާއި، އެފަދަ ތެރަޕިއުޓިކް ހިދުމަތް ފޯރުކޮށްދޭ މަރުކަޒެއްގެ ކޯޓޭޝަންގެ އިތުރުން އެހީއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އެޖެންސީއަށް ހުށަހެޅުއްވުމުން، އެހީ ހަމަޖެހިގެންދާނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތަކަށް އެދޭ ފޯމު މިއެޖެންސީގެ ކައުންޓަރުންނާއި (މއ. ދޮންވެލި، އަމީނީ މަގު)، ވެބްސައިޓުން (https://www.nspa.gov.mv/dh/ehee-ah-edhey-form/) އަދި އާސަންދަ ކޮންޕެނީ ލިމިޓެޑްގެ ކައުންޓަރު (އެސް.ޓީ.އޯ. ޓްރޭޑް ސެންޓަރ، 3 ވަނަ ފަންގިފިލާ) ގެ އިތުރުން ރަށު/ސިޓީ ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިއެޖެންސީގެ ކައުންޓަރުންނާއި އާސަންދަ ކޮންޕެނީގެ ކައުންޓަރުން އަދި ރަށު ކައުންސިލް އިދާރާތަކުންނެވެ. މީގެ އިތުރުން މިއެޖެންސީގެ އީމެއިލް (info@nspa.gov.mv) މެދުވެރިކޮށް ހުށަހަޅާ ފޯމު ބަލައިގަތުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް، 1402 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.