ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް

ތަޢާރަފް

މިއީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން، 2010 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ފޯރުކޮށްދޭ މާލީ އެހީއެކެވެ. މި އެހީގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއި، އެފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން ހަމަހަމަ ފުރުޞަތުތަކެއް ލިއްބައިދީ މިނިވަންކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދިނުމެވެ.

އެހީގެ މިންވަރު

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީފޯރުކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ލިސްޓުގައި އެމީހަކު ރަޖިސްޓަރީކުރާ މަހުން ފެށިގެން އެ ލިސްޓުން އުނިކުރުމާ ހަމައަށް ކޮންމެ މީލާދީ މަހަކު މާލީ އެހީގެ ގޮތުގައި 2000 (ދެހާސް) ރުފިޔާ ލިބޭނެއެވެ.

ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ފޯރުކޮށްދޭ މާލީއެހީ އިތުރުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖޫން 2023 ގައި ނިންމަވާފައެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ އެންމެހާ ފަރާތްތަކަށް 2023 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އާންމު އިތުރު އެލަވަންސްގެ ގޮތުގައި ފޯރުކޮށްދެވޭ 1000 ރުފިޔާއާއެކު ޖުމްލަ 3000 ރުފިޔާ ލިބިގެންދާނެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާލަތްތަކަށް ރިޢާޔަތްކޮށް 65 އަހަރުން ދަށުގެ ފަރާތްތަކަށް އިތުރު އިނާޔަތްތަކުގެ ގޮތުގައި ތިރީގައިމިވާ އިނާޔަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 • ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތަކުން ހުރިހާވަގުތެއްގައި ބަލަހައްޓަންޖެހޭ ފަރާތްތަކަށް ކެއާރަރ އެލަވަންސްގެ ގޮތުގައި މަހަކު 2000 ރުފިޔާ؛
 • ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އާންމު ބޭނުންތަކަށް އާދަކޮށް ބޭނުންކުރަންޖެހޭ ކޮންސިއުމަބަލްސް ހޯދުމަށް ސެލްފް ކެއަރ އެލަވަންސްގެ ގޮތުގައި މަހަކު 1000 ރުފިޔާ؛ އަދި
 • ނުކުޅެދުންތެރިކަން ހުންނަ 3 ނުވަތަ އެއަށް ވުރެ ގިނަ ފަރާތް ހިމެނޭ ގޭބިސީތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަހަކު 1000 ރުފިޔާ

އެހީއަށް އެދޭނެ ގޮތް

 • ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފްތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަކުރުމަށްފަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަށް ހުށަހެޅުން
 • އެހީއަށް އެދޭ ފޯމު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުންނާއި، އަތޮޅު ނުވަތަ ރަށު ކައުންސިލް އިދާރާތަކާއި، އެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.
 • ފޯމު ހުށަހެޅުން:
  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރ (މއ. ދޮންވެލި) / ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 2:00 އަށް
  • IGM ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ އެޖެންސީ ކައުންޓަރު / ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ރޭގަނޑު 9:00 އަށް
  • އަތޮޅު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް GEMS ނުވަތަ ޕޯސްޓް ގެ ޒަރީއާއިން
  • އެޖެންސީގެ އީމެއިލް info@nspa.gov.mv ނުވަތަ ވައިބަރ 7291402 މެދުވެރިކޮށް

ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި މާލީ އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.

 1. ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 2. ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިޔާ / ބަލަދުވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 3. ނުކުޅެދުންތެރިކަމާ ބެހޭގޮތުން ލިބިފައިވާ އެންމެ ފަހުގެ ޑޮކްޓަރީ ލިޔުންތައް
 4. ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބޭންކް އެކައުންޓު ތަފްޞީލް އެނގޭނެފަދަ ލިޔުމެއް / ބޭންކް ސްލިޕް

*ނުކުޅެދުންތެރިކަން ހުންނަ ފަރާތަކީ އުމުރުން 18 އަހަރު ފުރި، ބޭންކް އެކައުންޓެއް ބެލެހެއްޓޭ ވަރުގެ ޤާބިލްކަން ލިބިފައިނުވާ ފަރާތެއްނަމަ އެފަރާތެއްގެ ބެލެނިވެރިޔާ / ބަލަދުވެރިޔާ / ނުކުޅެދުންތެރިކަން ހުންނަފަރާތާއެކު ހުޅުވާފައިވާ ޖޮއިންޓް އެކައުންޓްގެ ތަފްޞީލް

ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ހ) ގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ކަނޑައަޅާފައިވަނީ، ދިގު މުއްދަތުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ހިއްސުތަކުގެ ނޫނީ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު އެ އުނިކަމެއްގެ ސަބަބުން ކުރިމަތިވާ އެންމެހާ ހުރަސްތަކާއި ހުރެ މުޖުތަމަޢުގެ އެހެން މީހުންނާ އެއް ހަމައެއްގައި ބޭނުންތެރި ގޮތުގައި އެންމެ ފުރިހަމައަށް ބައިވެރިވެ ޙަރަކާތްތެރިވެ އުޅުމަށް ދަތިވާ ކޮންމެ މީހަކަށެވެ.

ޤާނޫނު ނަންބަރު 2010/8 ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ ފޯރުކޮށްދެވޭނީ ތިރީގައިވާ ގިންތިތަކުންކުރެ ގިންތިއެއްގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ.

 • ފެނުމުގެ ނުކުޅެދުންތެރިކަން
 • އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން
 • ޖިސްމާނީ ނުކުޅެދުންތެރިކަން
 • ވިސްނުމުގެ/ސިކުނޑީގެ ނުކުޅެދުންތެރިކަން
 • އޯޓިޒަމް
 • އުނގެނުމުގެ ނުކުޅެދުންތެރިކަން
 • މަލްޓިޕަލް ޑިސްއެބިލިޓީ (އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުރުން)

ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެ މަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި 1 މަސްދުވަހުގެ މުއްދަތެއްދެވޭނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. ނަމަވެސް ފޯމު އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.

މީލާދީ ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން މަޢުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފޯމުތައް ބަލައި ޝަރުޠު ހަމަވާނަމަ ފޯމު ހުށަހެޅި މަހުން ފެށިގެން އެލަވަންސް ހަމަޖެހި އެމަހެއްގައި ފައިސާ ޖަމާވާނެއެވެ. އަދި ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ފަހުން ހުށަހަޅާފޯމުތަކަށް ޝަރުޠު ހަމަވާނަމަ ޖެހިގެން އަންނަ މަހު އެލަވަންސް ހަމަޖެހިގެންދާނެއެވެ.

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީފޯރުކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ލިސްޓުގައި އެމީހަކު ރަޖިސްޓަރީކުރާ މަހުން ފެށިގެން އެ ލިސްޓުން އުނިކުރުމާ ހަމައަށް ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް އެލަވަންސް ޖަމާކުރެވޭނެއެވެ.

 • ނުކުޅެދުންތެރިކަން ހުންނަ ފަރާތުން، މާލީއެހީ ދިނުމަށް އެކުލަވާލެވިފައިވާ ލިސްޓުން އުނިވުމަށް އެދި ސަބަބު ބަޔާންކޮށް ރަސްމީކޮށް ލިޔުމަކުން ހުށަހެޅުމުން
 • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ މާލީ އެހީއަށް އެދި ހުށަހަޅާފައިވާ ލިޔުންތަކަކީ ޞައްޙަ ލިޔުންތަކެއް ނޫންކަމަށް ސާބިތުވުން
 • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ މާލީއެހީ ދިނުމަށް އެކުލަވާލެވިފައިވާ ފަރާތެއް ނިޔާވިކަން، ބަދަލުވެރިޔާ ނުވަތަ ރަށުކައުންސިލުން ނުވަތަ ރަސްމީ ފަރާތަކުން، ޞައްޙަ ލިޔުމަކުން އެންގުން
 • ނުކުޅެދުންތެރިކަން ހުރި މީހެއްގެ ކިބައިގައިހުރި ނުކުޅެދުންތެރިކަން ރަނގަޅުވެއްޖެކަމަށް ނުކުޅެދުންތެރިކަން ހުންނަ މީހާ ނުވަތަ ބަލަދުވެރިޔާ ލިޔުމަކުން އެންގުން (ޑޮކްޓަރުގެ ލިޔުމާއެކު)
 • ނުކުޅެދުންތެރިކަން ހުންނަ މީހަކު ދާއިމީކޮށް ދިރިއުޅުން އެހެން ޤައުމަކަށް ބަދަލުކުރުން ނުވަތަ ހިޖުރަކުރުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.