ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް

ތަޢާރަފް

މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާޞިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުތަކާއި ގުޅިގެން، ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަތުމަށްޓަކައި އެފަދަ ޚިދުމަތްތައް ހޯދުމަށް ބޭނުންވާ ޚަރަދު ހަމަޖައްސައި ދިނުމަށް 1 ޖަނަވަރީ 2019 އިން ފެށިގެން ތަޢާރަފް ކުރެވިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެމީހުންގެ ނުކުޅެދުންތެރިކަމާއި އެނުކުޅެދުންތެރިކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް ބޭނުންވާ ޞިއްޙީ ފަރުވާތަކާއި އެނޫންވެސް ފަރުވާތައް ވީހާވެސް ހެޔޮ އަގެއްގައި، ފަސޭހަކަމާއެކު ލިބޭނެގޮތް މަގުފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީ ފޯރުކޮށްދެވޭ ތެރަޕިއުޓިކް ޚިދުމަތްތައް

…އަދި، މިނޫންވެސް މިފަދަ ފަރުވާތައް

އެހީއަށް އެދޭނެ ގޮތް

 • ނުކުޅެދުންތެރިކަން ހުންނަ ފަރާތް ތަކުން ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަކުރުމަށްފަހު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަށް ހުށަހެޅުން
 • އެހީއަށް އެދޭ ފޯމު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރުންނާއި، އަތޮޅު ނުވަތަ ރަށު ކައުންސިލް އިދާރާތަކާއި، އެޖެންސީގެ ވެބްސައިޓުން ލިބެން ހުންނާނެ.
 • ފޯމު ހުށަހެޅުން:
  • ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކައުންޓަރ (މއ. ދޮންވެލި) / ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 2:00 އަށް
  • IGM ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ އެޖެންސީ ކައުންޓަރު / ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ރޭގަނޑު 9:00 އަށް
  • އަތޮޅު ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް GEMS ނުވަތަ ޕޯސްޓް ގެ ޒަރީއާއިން
  • އެޖެންސީގެ އީމެއިލް info@nspa.gov.mv ނުވަތަ ވައިބަރ 7291402 މެދުވެރިކޮށް

ފޯމު ފުރިހަމަ ކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހިމަވާނަމަ، ފޯމު ހުށަހަޅާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 15 ދުވަހުގެ ތެރޭގައި މާލީ އެހީ ލިބޭކަން ނުވަތަ ނޫންކަން އެސް.އެމް.އެސް ގެ ޒަރީޢާއިން އެފަރާތަކަށް އަންގާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާ ހޯދުމަށް އެހީ ފޯރުކޮށްދެވޭނީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން މިއެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށެވެ.

 1. ތެރަޕީގެ އެހީއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 2. ތެރަޕީ ހޯދުމަށް ޑޮކްޓަރ/ ތެރަޕިސްޓް ލަފާދީފައިވާ ލިޔުން (ކަމާގުޅޭ ޑޮކްޓަރު ނުވަތަ ތެރަޕިސްޓް ގެ ސޮއި އަދި ސްޓޭމްޕް ހިމެނޭ ލިޔުމެއް)
 3. ބޭނުންވާ ތެރަޕީ އާއި އޭގެ އަގު އެނގޭނެ ކޯޓޭޝަން (ފޯމުގައި އެހީ ބޭނުންވާކަމަށް ބަޔާންކުރާ ތެރަޕީ ޚިދުމަތާއި ޑޮކްޓަރުގެ ލިޔުމުގައި އަދި ހުށަހަޅާފައިވާ ކޯޓޭޝަންގައިވާ މަޢުލޫމާތު ދިމާވާން ވާނެއެވެ).
 4. ފައިސާގެ އެހީއެއް ލިބިއްޖެނަމަ އެފައިސާ ޖަމާކުރާނެ ބޭންކު އެކައުންޓުގެ މަޢުލޫމާތު ސާފުކޮށް އެނގޭނެފަދަ ބޭންކުން ދޫކޮށްފައިވާ ލިޔުމެއް (ހުށަހަޅާ އެކައުންޓަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭ މާލީ އެހީގެ ޕްރޮގްރާމްގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްގެ ނުވަތަ އެފަރާތުގެ ބެލެނިވެރިޔާގެ ގޮތުގައި އެޖެންސީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްގެ އެކައުންޓަކަށްވާން ވާނެއެވެ).

 • ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ބޭނުންވާ ތެރަޕީގެ ނަން
 • ތެރަޕީ ނަގަންޖެހޭ މުއްދަތު (ދުވަސް / މަސް / އަހަރު )
 • ޑޮކްޓަރު ނުވަތަ ތެރަޕިސްޓްގެ ސޮއި
 • ޑޮކްޓަރު ނުވަތަ ތެރަޕިސްޓްގެ ސްޓޭމްޕް

 • ނުކުޅެދުންތެރިކަން ހުންނަ ފަރާތުން ނަގަން ބޭނުންވާ ތެރަޕީގެ ނަން
 • ތެރަޕީ ނަގަންޖެހޭ މުއްދަތު (ދުވަސް / މަސް / އަހަރު )
 • ހަފްތާއަކަށް ނުވަތަ މަހަކަށް ނަގަންޖެހޭ ސެޝަންގެ އަދަދު
 • ކޮންމެ ސެޝަނަކަށް ނަގާ އަގު
 • ހަފްތާއަކަށް ނުވަތަ މަހަކަށް ނަގާ އަގު
 • މުޅި ޖުމްލަ ތެރަޕީއަށް ހިނގާނެ ޚަރަދު

މި ފޯމަކީ ތެރަޕީއަށް އެދޭ ފޯމުގައި އެހީ ބޭނުންވާކަމަށް ބަޔާންކުރާ ތެރަޕީ އާއި ޑޮކްޓަރުގެ ލިޔުމުގައި އަދި ހުށަހަޅާފައިވާ ކޯޓޭޝަންގައިވާ މައުލޫމާތު ދިމާނުވާ ޙާލަތްތަކުގައި އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި ތެރަޕީގެ ޚިދުމަތް ފޯރުކޮށްދޭ ތެރަޕިސްޓް ފުރަންޖެހޭ ފޯމެކެވެ. މިފޯމު ހުށަހަޅާނީ އެޖެންސީއިން އެދިއްޖެ ޙާލަތެއްގައެވެ.

އެޖެންސީއަށް ފޯމުހުށަހެޅުމުން ފޯމު އެޖެންސީގައި ރަޖިސްޓްރީކުރެވޭ ވަގުތު ފޯމުގެ އެންޓްރީ ނަންބަރާއެކު ފޯމު ލިބުނުކަން ފޯމު ހުށަހަޅާ ފަރާތުގެ މޮބައިލް ފޯން ނަންބަރަށް އެސް.އެމް.އެސް ގެ ޒަރީޢާއިން އެންގޭނެއެވެ.

ފޯމުގައި ހިމެނޭ މަޢުލޫމާތު ފުރިހަމަ ނުވާނަމަ އެމަޢުލޫމާތު ފުރިހަމަކުރުމަށް އަންގައި 3 މަސްދުވަހުގެ މުއްދަތެއްދެވޭނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ. ނަމަވެސް ފޯމު އަލުން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.

 • ތެރަޕީގެ ޚިދުމަތްދޭ މަރުކަޒު މެދުވެރިކޮށް
 • އެހީލިބޭ ފަރާތް / ބެލެނިވެރިޔާއާއި އެޖެންސީއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ދެވޭ ފައިސާ މެދުވެރިކޮށް. މިގޮތަށް އެހީދެވޭނީ ތެރަޕީ ދޭންޖެހޭ މުއްދަތު 6 މަސް ދުވަހަށްވުރެ އިތުރުވާނަމައެވެ.
 • އެހީލިބޭ ފަރާތް / ބެލެނިވެރިޔާ ގެ ބޭންކް އެކައުންޓަށް އެހީގެ ފައިސާ ޖަމާކޮށްގެން. މިގޮތަށް ފައިސާ ޖަމާކުރެވޭނީ ތެރަޕީ ދޭންޖެހޭ މުއްދަތު 6 މަސް ދުވަހަށްވުރެ ކުރުނަމައެވެ.

 • އެހީފޯރުކޮށްދެވޭ ތެރަޕީގެ ޚިދުމަތްހޯދުމަށް ނޫންގޮތަކަށް އެހީގެ ފައިސާ ބޭނުންނުކުރުން
 • ތެރަޕިއުޓިކް ޚިދުމަތްތަކަށް ޤަވާޢިދުން (%60 ސެޝަނަށް) ޙާޟިރުވުން.
 • އެހީގެ ގޮތުގައި ފައިސާ ބޭނުންކުރުމަށްފަހު ބަކީ ހުރެއްޖެނަމަ އެފައިސާ އެޖެންސީއަށް ރައްދުކޮށްދިނުން.
 • ތެރަޕީ ނެގުމަށްފަހު ތެރަޕީއަށް ޙާޟިރުވިކަމުގެ ލިޔުމާއި ތެރަޕީއަށް ފައިސާދެއްކި ރަސީދުގެ ކޮޕީއެއް ހަމަޖެހިފައިވާ އުޞޫލުން އެޖެންސީއަށް ހުށަހެޅުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3005353 ނުވަތަ 1402 އަށް ގުޅުއްވުން އެދެމެވެ.